ވ. ފެލިދޫގައި އައިޑީ ކާޑުގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ.
ފެލިދޫގައި މި ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަގުތު ވ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑުގެ ޚިދުމަތް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅު ވަނީ ފުއްދަވާފައެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ "މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދެއްވާނެ" ކަމަށް ވިދާޅުވެފައިވެއެވެ.
އައިޑީ ކާޑަކީ ދިވެހި ރައްޔިތުންގެ އަސާސީ ލިޔެކިޔުމެއް ކަމަށްވެފައި، މި ޚިދުމަތް ރަށު ފެންވަރުގައި ލިބެން ފެށުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމުގައި ފެލިދޫގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
ފެލިދޫގައި މި ޚިދުމަތް ފެށުމާއެކު، ރައްޔިތުންނަށް އައިޑީ ކާޑު ހެއްދުމާއި އާކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މީގެ ކުރިން މި ޚިދުމަތް ހޯދުމަށް މާލެ ދަތުރުކުރަން ޖެހުމުގެ ސަބަބުން ކުރިމަތިވަމުންދިޔا ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.