ވ. ފެލިދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަހަރުގެ ކުރީކޮޅު ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެލިދޫގެ ބިން ހިއްކައިދިނުމަކީ ރަށުގެ ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއް ކަމަށާއި، އެކަން ހަނދާން ނައްތާނުލައްވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ރަށުން 12 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢު މިއަހަރު ކުރިއަށް ނުގެންގޮސް އަންނަ އަހަރަށް ފަސްކުރެއްވީ، ރަށުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދިއުމަށް އިސްކަންދެއްވާތީއެވެ. އެހެންކަމުން، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ފެލިދޫއަށް ކަނޑައަޅާ އެންމެ މުހިއްމު މަޝްރޫޢުގެ ގޮތުގައި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ހިމަނުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ބިން ހިއްކުމުގެ މަޝްރޫޢުއާއެކު ރަށުގެ ބިމުގެ ޖާގަ ބޮޑުވެ، ރައްޔިތުންނަށް ބޭނުންވާ މުހިންމު މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
"އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާ އަހަރުގެ ކުރީކޮޅު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓާނަން. މި ރަށުން 12 ހެކްޓަރުގެ ބިން ހިއްކާނަން،" މިހެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.