ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމް އަންނައަހަރު ހަމަޖެހޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމް އަންނައަހަރު ހަމަޖެހޭނެ: ރައީސް

ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ވަޢުދުވެވަޑައިގެންނެވި ތާރީޚަށްވުރެ 2 މަސް ކުރިން ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ފެލިދެއަތޮޅު ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވ. އަތޮޅުގައި ފުރަތަމަ ފަހަރަށް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތްވެސް ވަނީ ފައްޓަވައިދެއްވާފައެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާންއެވެ.

"އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ މިއަންނަމަސް ނިމެންވާއިރަށް، އަޅުގަނޑު ވަޢުދުވީ މިއަހަރު ނިމެންވާއިރަށޭ. މިއަންނަ މަސް ނިމެންވާއިރަށް [ޕާސްޕޯޓުގެ] މި ދެންނެވި ވަޢުދުވެސް ކޮންމެ އަތޮޅެއްގަ މަދުވެގެން އެ ރަށުގެ ޚިދުމަތް. ބައެއް އަތޮޅުތަކުގައި 2 ރަށުގައި 3 ރަށުގައިވެސް އެބަ ޤާއިމްކުރެވޭ ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، މި ޚިދުމަތް މިހާރުވެސް ގިނަ އަތޮޅުތަކެއްގައި ވަނީ ފަށާފައެވެ. މި ޚިދުމަތް ރަށްރަށުން ލިބެން ފެށުމުން، ރައްޔިތުންނަށް ޕާސްޕޯޓު ހެއްދުމަށް މާލެ އައުމުގެ ބުރަ ލުއިވެގެންދާނެއެވެ.

ސަރުކާރުން މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ޤާއިމްކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން