ޢިބްރަތްތެރި ވާހަކަ: ލަރީފާ ބުނަނީ ދޭ ލޯތްބާއި ކޮށްދޭ ހެޔޮ ކަންކަމުގެ އަގުވަޒަންނުކުރާ ބައިވެރިއަކަށް ދެވަނަ ފުރުޞަތު ސަތޭކަ ފަހަރު ދިނަސް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ޢިބްރަތްތެރި ވާހަކަ: ލަރީފާ ބުނަނީ ދޭ ލޯތްބާއި ކޮށްދޭ ހެޔޮ ކަންކަމުގެ އަގުވަޒަންނުކުރާ ބައިވެރިއަކަށް ދެވަނަ ފުރުޞަތު ސަތޭކަ ފަހަރު ދިނަސް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް!

އަހުރެންނަކީ ތަނަވަސް ޢާއިލާއެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. މައިންބަފައިން އަޅުގަނޑު ތަރުބިއްޔަތުކުރީ ޒިންމާދާރު އަންހެނެއްގެ ގޮތުގައެވެ. ކިޔަވައިދީ މަސައްކަތަށް ތަމްރީނުކުރިއެވެ. އެއަށްފަހު އަމިއްލައަށް މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނެވެ.  

އަޅުގަނޑު ކޮންމެ ކަމެއްވެސް ކުރަނީ މައިންބަފައިންނާއި މަޝްވަރާކޮށްގެންނެވެ. އެކަމަކު އެއްކަމެއްގައި އަމިއްލައަށް ގޮތް ނިންމުނެވެ. އެއީ ޙަޔާތަށް ބައިވެރިއަކު ހޯދުމުގައެވެ. އެކަމުގައި މައިންބަފައިން ދިން ޚިޔާލު ޤަބޫލުނުކުރެވި އިސްކަންދެވުނީ ލޯބިވެވުނު މީހާއަށެވެ.  

ކޮންމެއަކަސް ކައިވެނީގެ 3 ވަނަ އަހަރު ދެމަފިރިން އެކުގައި ޗުއްޓީ ހޭދަކޮށްލަން ބޭރު ޤައުމަކަށް ދިއައިމެވެ. ދަތުރުގެ 3 ވަނަ ދުވަހު ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ އެކުވެރި ދެމަފިރިއަކާއިއެކު ބާޒާރުކޮށްލަން ދިއައިމެވެ.  

ފިރިމީހާ ފުރަތަމަ ބުނީ އޭނާވެސް ދާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަޤުތު ފިރިމީހާ ބޭނުންވީ ހޮޓަލުގައި މަޑުކޮށްލާށެވެ. އެހެންވެ އެކަނި ދާންޖެހުނީއެވެ. އެކަމަށް އަޅައިވެސް ނުލައި ދެވުނީ އެއީ މާބޮޑު ކަމެއްކަމަށް އެވަޤުތު ނުވިސްނުނީމައެވެ. ދިރިއުޅުމުގެ ތަޖުރިބާ މަދުކަމުންނެވެ.  

ދަމުން އަޅުގަނޑު ބުނީ އެނބުރި އަންނާނީ އެދެމަފިރިންނާއިއެކު މެންދުރު ކައިގެން ތަންކޮޅެއް ފަހުން ކަމަށެވެ. ނަމަވެސް ކަންދިމާވިގޮތުން އެދެމަފިރިންގެ ކުއްޖަކު ކުއްލިއަކަށް ބަލިވެން އަވަހަށް ގެއަށްދާންޖެހުމުން ހޮޓަލަށް އެނބުރި ދިއައީ ނުކައެވެ. އެނބުރިދާނެކަމަށްބުނި ވަޤުތަށްވުރެ ކުރިންނެވެ. 

ގޮސް ކޮޓަރިއަށް ވަންއިރު ކަމަކުދާކަށް ނެތެވެ. ކޮޓަރިތަންމަތި އަޅަން އަންނަ އަންހެން ކުއްޖާއާއިއެކު ފިރިމީހާ ގުޅުން ހިންގަނީއެވެ. ޒުވާބުކުރާކަށް ނުހަދަމެވެ. ދަތުރުކުރުކޮށްލާފައި އެރޭ ފުރަން އޮތް ފްލައިޓުން ޓިކެޓްނަގައިގެން މާލެ އައީއެވެ.  

ގެއަށް ވެދެވުމާއިއެކު ބުނީމެވެ. "ކަލެއަށް ލިބޭނީ 15 މިނިޓް އިރެވެ. އަމިއްލަ އެއްޗެތި ހިފައިގެން ގެއިން ނުކުންނާށެވެ. ދުއްވާ ސައިކަލް ބަހައްޓާފައި ދާށެވެ."  

ފިރިމީހާ ބުންޏެވެ. "އަހުރެންނަށް ކުރެވުނު އެންމެ ކުށަކާއިހުރެ އަހުރެން އެއްލައިލަނީހެއްޔެވެ؟ އެހެން ނުހަދައި އަހުރެންނަށް މާފުކުރާށެވެ! ދެން ދުވަހަކުވެސް އެބާވަތުގެ އެއްވެސް ކުށެއް ނުކުރާނަމެވެ."  

ޖަވާބުގައި ބުނީމެވެ. "މާފުކުރެވޭނީ އޮޅިގެން ކުރެވޭ ކަންކަމަށެވެ. ބޭވަފާތެރިވުމަށް މާފެއް ނުކުރެވޭނެއެވެ. އެއްފަހަރު ފުދެއެވެ. އަތުގައި އެއްވެސް ތަނަވަސްކަމެއް ނެތިވެސް މައިންބަފައިންނާއިވެސް ދެކޮޅަށް އަހުރެން ކަލެއާއި ކައިވެނިކޮށް އަދި ކަލޭ ބޭނުންވިހައި ކަމެއް ކޮށްދީގެން ގެންގުޅުނީމާ އެކަމުގެ އަގުވަޒަންކުރަން ނުއެނގުމަކީ ﷲ ދެއްވެވި ނިޢުމަތަށް ޝުކުރުވެރިނުވުމެވެ. އެފަދަ މީހުންނަށް ރަނގަޅުވާނީ ދެވަނަ ފުރުޞަތެއް ނުދިނުމެވެ.  ދެވަނަ ފުރުޞަތު 100 ފަހަރު ދިނަސް ކުރާނެ ފައިދާއެއް ނުއޮންނނެއެވެ."  

ކޮންމެއަކަސް އަޅުގަނޑު ވަރިވީމެވެ. އަދި ދެވަނަ ކައިވެންޏެއްވެސް ކުރީމެވެ. ކައިވެންޏަށް 10 އަހަރުވެސް ފުރިއްޖެއެވެ. ފިރިމީހާއަށް ފާރަލާކަށް ނުޖެހެއެވެ. އެކަމަކު ފިރިމީހާ އަޅުގަނޑަށް ވަރަށް ބޮޑަށް ފާރަވެރިވެއެވެ. ފާރަވެރިވެ ބަލަނީ ވަޤުތު ޖެހުމުން ނަމާދުކުރޭތޯއެވެ. އެހެންވެ އުފާވެރިކަން ނޫން އެއްވެސް ކަމެއް މިހާރުގެ ދިރިއުޅުމުގައި އޮތްކަމަކަށް ނުބުނެވޭނެއެވެ.  

އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރަނީ އަޅުގަނޑު ފަދައިން ކަނުލޯބިވެވިގެން ކައިވެނި ނުކުރަން ބުނުމަށެވެ. އަދި އަޅުގަނޑު ބުނާނީ ބޭވަފާތެރިވާ ފިރިންނަށް ދެވަނަ ފުރުޞަތު ނުދިނުމަށެވެ. ޚާއްޞަކޮށް ނިޢުމަތަށް ޝުކުރުވެރިނުވާ ފިރިންނަށް ދެވަނަ ފުރުޞަތެއް ނުދިނުމަށެވެ.

 

- ލަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން