ވ. ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އައު އިމާރާތް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
23.79 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްލަޠީފް މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ 4 ބުރީގެ އިމާރާތުގައި 11 ކްލާސްރޫމާއި، ސްޓާފްރޫމަކާއި، ކޮމްޕިއުޓަރ ލެބަކާއި، ސައިންސް ލެބެއް ހިމެނޭނެއެވެ. މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
ކެޔޮދޫ ސްކޫލްގެ އައު އިމާރާތް ނިމުމުން އެ ރަށުގެ ތަޢުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ދަރިވަރުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ތަޢުލީމު އުނގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.