ރަކީދޫއިން ރައީސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރަކީދޫއިން ރައީސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ 8 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ފެލިދެއަތޮޅު ރަކީދުއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މި ދަތުރުފުޅުގެ ފަސްވަނަ މަންޒިލްގެ ގޮތުގައި ރަކީދުއަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ، އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. ރަކީދުއަކީ ވ. އަތޮޅުގެ ފަހު މަންޒިލްކަން ފާހަގަކޮށްލެވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ މުހިންމު ޚިދުމަތެއްކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމެވެ.

މިއަދު އޮންލައިން