ވ. ކެޔޮދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ސައުދީއެވެ.
917 މީހުންގެ އާބާދީއެއް އޮންނަ ކެޔޮދޫއަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ސިއްޙީ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މި އައު އިމާރާތުގެ މަސައްކަތް ނިމުމުން ރަށުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، މުޅި ރަށުގެ އާބާދީއަށް މީގެ ފައިދާ ކުރާނެއެވެ.
17,180 އަކަފޫޓުގެ ސަރަޙައްދެއްގައި ތަރައްޤީކުރެވޭ މި އިމާރާތުގެ މަޝްރޫޢުގައި ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދުލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގައި ދަގަނޑު މަސައްކަތްތަކާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއި، ކަރަންޓު ވައިރިންގގެ މަސައްކަތްވެސް ހިމެނެއެވެ. އަދި މެޑިކަލް ގޭސް ސިސްޓަމަކާއި، އެއަރ ކޮންޑިޝަނިންގ ސިސްޓަމަކާއި، އަލިފާން ނިއްވާ ނިޒާމެއްވެސް މި އިމާރާތުގައި ޤާއިމްކުރެވޭނެއެވެ.