ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ރައިސް ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ރައިސް ފަށްޓަވައިދެއްވައިފި

ފެލިދެއަތޮޅު ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ އެމަނިކުފާނު ފެލިދެއަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރަކީދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމަކީ 24 ގަޑިއިރު ޚިދުމަތްދޭ މެޝިނެއް ކަމަށްވާއިރު، މި މެޝިނުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެއެވެ. ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ފެލިދެއަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށްދާ މަސައްކަތުގެ ބައެކެވެ.

އަތޮޅުތަކުގެ ރައްޔިތުން ބޭންކިންގ ޚިދުމަތް ހޯދުމަށް އެ އަތޮޅުގެ ވެރިރަށް ނުވަތަ އެކަމަށް ޚާއްސަކުރެވިފައިވާ ރަށަކަށް ދަތުރުކުރަންޖެހުމަކީ އެތައް އަހަރެއް ވަންދެން ރައްޔިތުން ތަހައްމަލުކުރަމުން އައި ބޮޑު ތަކުލީފެކެވެ. މި ތަކުލީފަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ގެ ނަމުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ޚާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ.

މި މަޝްރޫޢުގެ ދަށުން ގިނަ ރަށްތަކެއްގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވި، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބެން ފަށާފައެވެ.

މިއަދު އޮންލައިން