ފ. ބިލެތްދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބިލެތްދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަރުކަޒު އިމާރާތްކުރުމަކީ ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ފުލުހުންގެ އައު މަރުކަޒު އިމާރާތްކުރުމުން، ބިލެތްދޫގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާވެ، ރަށުގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މަރުކަޒަކީ އަތޮޅުގެ އެހެން ރަށްރަށަށްވެސް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެއެވެ.