ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ.
ފ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބިލެތްދޫގައި މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ބީއެމްއެލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިލެތްދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
ބިލެތްދޫގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވުމާއެކު، ރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މިއީ ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.