ވ. ރަކީދުގައި ފުލުހުންގެ ޑެސްކެއް ޤާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ވ. ރަކީދުގައި ފުލުހުންގެ ޑެސްކެއް ޤާއިމްކޮށްފި

ވ. ރަކީދުގައި ފުލުހުންގެ ޑެސްކެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ރަކީދޫގައި ޤާއިމްކުރި ފުލުހުންގެ ޑެސްކް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ރަކީދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެޑައިގެންނެވިއެވެ.

މި ޕޮލިސް ޑެސްކުގެ ސަބަބުން މުޖުތަމައަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފަސޭހަކޮށްދީ، ރަށުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަމާން މުޖުތަމަޢުއެއް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މީގެތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގަިއ ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުން ހިމެނެއެވެ. އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤިކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތް ޒަމާނާއި އެއްގޮތަށް ބައްޓަންކޮށް ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ޚިދުމަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ސީޕީ ނަވީން ވަނީ އާންމު ރައްޔިތުންނަށް ދެއްވާފައެވެ.

ވ. ރަކީދޫގައި ޕޮލިސް ޑެސްކުގެ ހިދުމަތް މިއަދު ތައާރަފު ވެގެން ދިއުމާއެކު، ވ. އަތޮޅުގެ އެންމެހައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް މިހާރު ވަނީ ގާއިމުކުރެވިފައެވެ.

މިއަދު އޮންލައިން