ފ. ބިލެތްދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ 91.2 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިލެތްދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީ އެވެ.
މި މަޝްރޫޢުގެ ދަށުން ބިލެތްދޫގެ މަގުތައް ތަރައްޤީކޮށް، މަގުތަކުގައި ތާރު އަޅައި، ހަދަން ޖެހޭ މަގުތައް ހަދައި ނިންމުމަށް ވަނީ 720 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މަޝްރޫޢުގެ ސަބަބުން ބިލެތްދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަތަކުގެ އިތުރުން، ރަށުގެ ރީތިކަން އިތުރުވެ، ދަތުރުފަތުރު ކުރުމަށް ފަސޭހަވެގެންދާނެއެވެ.
އެމްޓީސީސީން މިފަދަ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންދާއިރު، މި މަޝްރޫޢަކީވެސް ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.