ފީއަލިން ރައީސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފީއަލިން ރައީސް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ފީއަލި އަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ފީއަލި އަކީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 7 ވަނަ ރަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފީއަލި އަށް ޒިޔާރަތްކުރެއްވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެ، އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ފީއަލީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ހަމައެއާއެކު، ފީއަލީ ސްކޫލްގެ އިސްވެރިންނާއި ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފީއަލީގެ އުމްރާނީ ތަރައްޤީއާ ގުޅުންހުރި މުހިންމު މަޝްރޫޢުތަކެއް ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ އިތުރުން، އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފީއަލީގައި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމާއި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުން އައި ޚިދުމަތްތަކެއް ކަމަށްވާތީ، މި މަޝްރޫޢުތައް ފެށުމާއެކު ރައްޔިތުންގެ އުފާވެރިކަން ވަނީ އިތުރުވެފައެވެ.

މިއަދު އޮންލައިން