ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ.
ފ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފީއަލީގައި މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފީއަލީގައި ޤާއިމުކުރެވުނު އައު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ވެސް ރައްޔިތުންނަށް ޚިދުމަތް ލިބޭނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި އެކައުންޓުން އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްތައް ހިމެނެއެވެ.
މި ޚިދުމަތް ފެށުމާއެކު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ. އަދި މިއީ ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.