ފީއަލީ ބަނދަރު ތަރައްޤީކުރުމާއި ޖެޓީ ހެދު މުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ފީއަލީ ބަނދަރު ތަރައްޤީކުރުމާއި ޖެޓީ ހެދު މުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

ފ. ފީއަލީ ބަނދަރު ތަރައްޤީކުރުމަށާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. މި މަޝްރޫޢު ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

1350 މީހުންގެ އާބާދީއެއް އޮންނަ ފީއަލީގެ ރައްޔިތުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ މަސްވެރިކަމުންނެވެ. ނަމަވެސް މިހާރު ހުރި ބަނދަރު ކުޑަވުމުގެ ސަބަބުން މުދާ އަރުވައި ބޭލުމަށާއި އަރައިފޭބުމުގައި ދަތިތަކާ ކުރިމަތިވަމުންދެއެވެ. މި މަޝްރޫޢު ނިމުމުން ރަށު ރައްޔިތުންނަށް ޖާގަ ތަނަވަސް ބަނދަރެއް ލިބި، ލަފާފުރުމުގައާއި މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

60.17 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި:

  • 34,674 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
  • 301 މީޓަރުގެ އެއްގަމުތޮށި ލުން
  • 374 މީޓަރުގެ ބޭރުތޮށި ލުން
  • 20 މީޓަރުގެ ޖެޓީއެއް ހެދުން
  • ބަނދަރު ބައްތި ހަރުކުރުން

މި މަޝްރޫޢަކީ 550 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢެކެވެ. 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔا 44 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން