ފ. ނިލަންދޫގެ ތަރައްޤީގެ ގިނަ އްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަތޮޅުތަކުގެ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ޖަލްސާގައި ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި، ޕާސްޕޯޓުގެ ޚިދުމަތް ފެށުމާއި، ފިއުލް ޝެޑް ގާއިމްކުރުމާއި، މަގު ހެދުމުގެ މަޝްރޫޢާއި، ދަޅު ބަންދުކުރާ ކާރުޚާނާގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތާއި، ވެމްކޯގެ ޚިދުމަތް ފެށުން ހިމެނެއެވެ.
ނިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އެވެ. އަދި ފިއުލް ޝެޑް ގާއިމްކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް އާއި އިޝާން އިންވެސްޓްމަންޓްގެ ފަރާތުން މެނޭޖަރ އުންމު ކުލްސޫމް ވަނީ ސޮއިކުރައްވާފައެވެ.
މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށީގެ ވުޒާރާގެ ފަރާތުން ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އާއި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ވަނީ ސޮއިކުރައްވާފައެވެ. އަދި ދަޅު ބަންދުކުރާ ކާރުޚާނާގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ސޮއިކުރައްވާފައެވެ.
މީގެއިތުރުން، ނިލަންދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަށްޓަކައި ވެމްކޯގެ ފަރާތުން މުޖްތަބާ ޖަލީލް އާއި ކައުންސިލްގެ ފަރާތުން ރައީސް އަލީ އަޙްމަދު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ނިލަންދޫގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.