ޤާނޫނު ތަންފީޒުކުރަމުންދާނީ ވަކި މީހަކަށް ބެލުމެއްނެތި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މީހަކު ހައްޔަރުކޮށް ޝަރުޢީ ނިޒާމުގެ ތެރެއިން ޙުކުމް ކުރެވިފައިވާކަމަށާއި، މީގެ ކުރިން މިފަދަ މައްސަލަތަކުގައި ވަކި ފަރާތްތަކަށް ބުރަވެ ކަންކަން ނިންމަމުން ދިޔަ ނަމަވެސް، މިހާރު އެކަން އެގޮތަށް ނުހިނގާނެކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމާގުޅޭ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އަދި ވަރަށް އަވަހަށް މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޤާނޫނުގެ ވެރިކަމެއް އަޅުގަނޑުމެން މި ހިންގަނީ. ރޫލް އޮފް ލޯ. ދިވެހި ހުރިހާ ރައްޔިތުން އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. ހުރިހާ ރައްޔިތުންނަކީ އެއްވަރުގެ ރައްޔިތުން. އެކަކުވެސް ތަފާތެއް ނެތް," ރައީސް ވިދާޅުވިއެވެ.
އަދި ގޭންގު ކުށްތަކާ ގުޅޭ ޤާނޫނެއް މިހާރު ވާނީ ތަސްދީގުކުރެވި އަމަލުކުރަން ފަށާފައި ކަމަށާއި، މި ހުރިހާ ޤާނޫނުތަކެއްވެސް ތަންފީޒުކުރެވިގެންދާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.