ފ.ފީއަލީގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ކުޅިވަރުގެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.
ފީއަލީގެ ޒުވާނުންގެ އެދުމާ އެއްގޮތަށް، އެ ރަށުގައި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ތަރައްގީކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެމްޓީސީސީން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ.
މި މަޝްރޫޢުގެ ދަށުން ފީއަލީގައި ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑެއް ގާއިމުކުރެވި، އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުކުޅުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ. މިފަދަ މަޝްރޫޢުތަކަކީ ރަށްރަށުގެ ޒުވާނުން ކުޅިވަރަށް ޝައުގުވެރިކުރުވުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.