ފ. ނިލަންދޫގައި ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް މާލަސްތަކެއް ނުވެ ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިލަންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ނިލަންދޫގައި ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަޝްރޫޢަކީ ކުރިއަށް ގެންދިއުމަށް ވިސްނަވާފައިވާ ކަމެއް ކަމަށެވެ. އަދި މާލަސްތަކެއް ނުވެ އެ ތަން ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން އަމާޒު ހިފާފައިވަނީ ކުޅިވަރުގެ މަޝްރޫޢުތައް ހުރިހާ ސަރަހައްދެއްގައި ހިންގައި، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ކުޅިވަރު ލާމަރުކަޒީ އުސޫލުން ތަރައްޤީކުރުމަށެވެ.
މީގެ ކުރިން ރައީސް ވަނީ، 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި މުޅި ރާއްޖޭގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހިމަނައި، ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
ނިލަންދޫގައި ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިމެނޭ އެއް މަޝްރޫޢެވެ.