ފ. ބިލެތްދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ.
1.24 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ކޮންކްރީޓް އަދި ބައުންޑްރީ ފެންސް ޖެހުމުގެ މަސައްކަތާއި، ވޮލީ ކޯޓަށް ބޭނުންވާ އިކުއިޕްމަންޓްތައް ހަރުކުރުން ހިމެނެއެވެ. މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
1300 މީހުންގެ އާބާދީއެއް އޮންނަ ބިލެތްދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރަނީ ފާނަ މަސްވެރިކަމެވެ. މި ރަށުގައި އައުޓްޑޯ ވޮލީ ކޯޓެއް ޤާއިމުކުރެވުމުން ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުން ލިބި، އެއްބައިވަންތަކަން އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ބެލެވެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.