ޢިބްރަތްތެރި ވާހަކަ: އަޅައިލާނެ މީހަކު ނެތި ހޮސްޕިޓަލުގައި އޮތް މުސްކުޅިއަކަށް އަމިއްލަ އެދުމެއް ނެތި އެހީތެރިވީމާ ޒުވާނަކަށް ލިބުނު ބޮޑު ފައިދާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ޢިބްރަތްތެރި ވާހަކަ: އަޅައިލާނެ މީހަކު ނެތި ހޮސްޕިޓަލުގައި އޮތް މުސްކުޅިއަކަށް އަމިއްލަ އެދުމެއް ނެތި އެހީތެރިވީމާ ޒުވާނަކަށް ލިބުނު ބޮޑު ފައިދާގެ ވާހަކަ-

މުސްކުޅިއަކަށް ނަމަވެސް ޒުވާނަކަށް ނަމަވެސް އަދި ކޮންމެ މީހަކަށްނަމަވެސް އެހީތެރިވެދޭންވީ ހަމައެކަނި ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާއަށްޓަކައި އެހީތެރިވުމަކީ އެކަމުން ތިމާއަށް ލިބިދާނެ ފައިދާއަކަށް ނުބަލައި އެކަންކުރީމާ ﷲ ތަޢާލާ ލައްވަވާނެ ރަހްމަތަށް އެދިގެން އެހީތެރިވެދިނުމެވެ.  

ތިރީގައިވާ ޙާދިސާއިން އެކަން ޔަޤީންކޮށްލެއްވޭނެއެވެ. އިން ޝާ ﷲ  

މިކިޔައިދެނީ މާކުރީ ޒަމާނުގައި ހިނގި ކަމެއް ނޫނެވެ. މީގެ 12 ވަރަކަށް އަހަރުކުރިން ހިނގި ކަމެކެވެ. މީހަކު ކުރި ތަޖުރިބާއެއް ނޫނެވެ. އަހަރެންނަސް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ.  

ބައްޕައަކީ އުމުރުން ދުވަސްވެފައި ހުރި މީހެކެވެ. ގަދަ ހުމެއްޖެހި އެތައް މައްސަލަތަކެއް ކުރިމަތިވުމުން ބައްޕަ އޮތީ އައިޖީއެމްއެޗެގައި އެޑްމިޓްކޮށްފައެވެ. ހެނދުނުގެ ވަގުތު ބައްޕަ ގާތު އިންނަނީ ދައްތައެވެ. އޮފީސް މަސައްކަތް ނިންމައި ޢަޞްރު ނަމާދުކޮށްލައިގެންދާ ގޮތަށް ދަންވަރު ވަންދެން ބައްޕަ ބަލަހައްޓަނީ އަހަރެންނެވެ. ނިދަން ދަނީ ބޮޑު ބޭބެ ގޮސްދިން އިރަކުންނެވެ.  

މިގޮތަށް އުޅެން ފެށިތަނާ ހަމަ އެ ވޯޑުގައި ވަރަށް ބަލި ޙާލުގައި މުސްކުޅި ފިރިހެނަކު އޮންނަތަން ފެނުނެވެ. އޭނާގެ ގާތަށް ދުވާލަކު އެއް ފަހަރު ކަހަލަ ގޮތަކަށް ނޫނީ މީހަކު ނާދެއެވެ. އަބަދުހެން އޮންނަނީ އެކަންޏެވެ. އެހެންވެ އޭނާ އާއި ވާހަކަ ދައްކާލައި ރައްޓެހިވީމެވެ. އަދި އަހަރެން ހުންނަ ވަގުތުތަކުގައި ހަމަ އަހަރެންގެ ބައްޕަގެ ކަންކަން ބަލަހައްޓާފަދައިން އެބޭބެގެ ކަންކަން ބަލަހައްޓަން ފެށީމެވެ. އަދި ޢާއިލާގެ އެހެން މީހުން ގާތުންވެސް އެބޭބެ އަށް އެހީތެރިވެދޭން އެދުނީމެވެ.  

2 ހަފްތާއެއްހައި ދުވަސްފަހުން ގަދަވުމުން ބައްޕަ ގެއަށް ފޮނުވާލިއެވެ. ގެއަށް އައުމަށްފަހުގައިވެސް އެބޭބެގެމަތިން ހަނދާންވާތީ ހޮސްޕިޓަލަށް ޒިޔާރަތްކުރަމެވެ. އޭނާގެ ޙާލުބަލަމެވެ.  

އެހައިތަނަށްވެސް ހަމައެކަނި އެނގޭވަރަކީ އެބޭބެއަކީ މާލޭގައި އެކަނި ދިރިއުޅޭ މާލޭ މީހެއްކަމެވެ. ކިޔާނަމަކީ ހުސައިންބެ ކަމެވެ. އަހަރެން އޭނާއަށް އެހީތެރިވީ ހަމަ އެކަނި މާތް ﷲ އަށްޓަކައެވެ. އެހެންވެ އިތުރު މައުލޫމާތު ހޯދަން ސުވާލެއްވެސް ނުކުރަމެވެ.  

މަހެއްހައި ދުވަސްފަހުން ހުސައިންބެވެސް ގަދަވެގެން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ދޫކޮށްލީ އަހަރެން އޭނާގެ ގާތުގައި ހުރި ވަގުތެއްގައެވެ. އާސަންދައިން ދޭ އެއްޗެއް އުނިކޮށް ބިލަށް ދައްކަން ޖެހޭ ފައިސާ ދެއްކީވެސް އަހަރެންނެވެ.

ހުރިހާ ކަމެއް ނިމިގެން ނުކުމެ ޓެކްސީއަށް އަރަމުން ދާންވީ އެޑްރެސް އެހުމުން ޙުސައިންބެ ކިޔައިދިން އެޑްރެހަށް ޙުސައިންބެ ގޮވައިގެން ދިއައީއެވެ. ގެހުރީ ތަޅުލައިފައެވެ. ހުސައިންބެ ދިން ތަޅުދަނޑިއަކުން ގެ ހުޅުވައިގެން ގެއަށްވަނީއެވެ.  

ވަރަށް އާދައިގެ ގޮތަކަށް ހުރި 3 ކޮޓަރީގެ ގެއެކެވެ. ޙުސައިންބެ ގޮވައިގެން ގޮސް ހުސައިންބެ ނިދާ ކޮޓަރިކަމަށް ބުނި ކޮޓަރީގެ އެނދުގައި ބާއްވައި އެވަގުތަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދީފައި ފަހުން އަންނާނެ ކަމަށް ބުނެފައި ދާން އުޅުމުން ޙުސައިންބެ ބުންޏެވެ.  

"ދަރިފުޅާއެވެ. ބޭބެ ދޫކޮށްލާފައި ނުދާށެވެ! ތިހިރަ 2 ކޮޓަރި އެހުންނަނީ ހަމަ ހުހަށެވެ. ދަރިފުޅު ބޭނުން ކޮޓަރިއެއްގައި އުޅެދޭށެވެ. ބޭނުމިއްޔާ 2 ކޮޓަރީގައިވެސް ހަމަ އުޅެންވީއެވެ. ކައްކައި ކެވޭނެ ބަދިގެއެއްވެސް ހުންނާނެއެވެ. އަނބިދަރިން ތިބިނަމަ ގެނެސްގެން ގެންގުޅޭށެވެ. އިރާދަކުރެއްވިއްޔާ މިގެއިން ދަރިފުޅު ނެރޭނެ މީހަކު ނާންނާނެއެވެ."  

އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން އެއިރު ކުއްޔަށް އުޅެމުން އައި ތަން ދޫކޮށްލާފައި ހުސައިންބެ ބުނި ބަސް ޤަބޫލުކޮށް އެގެއަށް ބަދަލުވީމެވެ. އަދި އަމިއްލަ ބައްޕަ ވެސް ބަލަހައްޓާނެ ފަދައިން ހުސައިންބެ ބެލެހެއްޓީމެވެ.  

3، 4 އަހަރުފަހުން ހުސައިންބެ ބަންދުކޮށްފައި އޮތް ސިޓީއުރައެއް އަހަރެންގެ އަތަށް ދިނެވެ. އަދި ޙުސައިންބެ ދުނިޔޭގައި ނެތް ދުވަހަކުން ކަނޑައިގެން ބަލަން ބުނީމާ އުރަ ރައްކާކޮށްފައި ބޭއްވީއެވެ.  

ޙުސައިންބެ ކުއްލި ގޮތަކަށް ނިޔާވީ އެއިގެ އަހަރެއްހައި ދުވަސްފަހުންނެވެ. ނިޔާވުމުން ޖަނާޒާގެ ކަންކަން ނިންމާފައި ގެއަށް ގޮސް ސިޓީއުރަ ނަގައިގެން އެއިގަ އޮތް ލިޔުން ބަލައިލީމެވެ. އެލިޔުމުގައިވަނީ ގެއާއި ގޯތި އަހަރެންނަށް ހިބައިން ދީފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާނެ ޤާނޫނީ ކަންކަންވެސް އޮތީ ފިރިހަމަކޮށްފައެވެ. ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރީ ބަދަލުކުރެވޭނެ ގޮތަށެވެ.  

އަހަރެން ދިރިމިއުޅެނީ އެގޭގައެވެ. ޙުސައިންބެއަށް ހެޔޮދުޢާކުރުންމަތީގައެވެ. ކިޔުންތެރިން ގާތު ބުނެލަން ބޭނުންވަނީ ނިކަމެތި ޙާލުގައި އޮތް މީހަކު ފެނިއްޖެނަމަ އެހީތެރިވާންވީ އެމިހާގެ ކިބައިން ލިބިދާނެ ކަމަކަށް ބަލައިގެނެއް ނޫނެވެ! ﷲ ތަޢާލާއަށްޓަކައެވެ. އެއިރުން ހީވެސް ނުކުރެވޭނެ ފަދަ ގޮތް ގޮތުނަ ﷲ ގެ ރަޙްމަތް ލިބޭނެތެވެ. އިން ޝާ ﷲ

 

- މޫސަ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން