ފ. ނިލަންދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ނިލަންދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް ފ. ނިލަންދޫއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
މި ރަސްމިއްޔާތުގައި ނިލަންދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިޙްސާންއެވެ. ވަޒީރު ޢަލީ އިޙްސާންއާއެކު މި މުހިންމު ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއާއި، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ މި މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުމަކީ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ހަރުދަނާކޮށް، ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.