ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި ރަސްމިއްޔާތު ބޭއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަރަނބޫނދޫއަށް ވަޑައިގެންނެވެ.
ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމި، އައު އިމާރާތް ބޭނުންކުރަން ފެށުމުން ދަރަނބޫދޫގެ ރައްޔިތުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން، ބޭސްފަރުވާއަށް މާލެއަށް ކުރަން ޖެހޭ ދަތުރުތައް މަދުވެ، ސިއްޙީގޮތުންނާއި މާލީ ގޮތުންވެސް ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މި އައު ސިއްޙީ މަރުކަޒާއެކު ދަރަނބޫދޫގެ ރައްޔިތުންނަށް ގާތުން ފުރިހަމަ ސިއްޙީ ޚިދުމަތްތައް ލިބިގެންދާނެއެވެ.