ކިޔަވަން ގަސްދުކުރާ މަރުކަޒަކީ އެމްކިއުއޭއިން ޤަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކިޔަވަން ގަސްދުކުރާ މަރުކަޒަކީ އެމްކިއުއޭއިން ޤަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި

ކިޔަވަން ގަސްދުކުރާ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން  އިލްތިމާސްކޮށްފިއެވެ.

އެމްކިއުއޭއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެ އޮތޯރިޓީން ޤަބޫލުކުރާނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތަކެވެ. މީގެ އިތުރުން ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތައްވެސް ހިމެނެއެވެ.

އެމްކިއުއޭއިން ވަނީ ސްރީލަންކާގެ ބައެއް މަރުކަޒުތަކުން ހުއްދަ ދީފައިވާ މިންގަނޑާ ޚިލާފަށް ޕްރޮގްރާމްތައް ހިންގާކަން ފާހަގަކޮށްފައެވެ. އެގޮތުން ހަޔަރ ޑިޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ އެ މަރުކަޒުތަކަށް ދީފައި ނުވާކަންވެސް އެމްކިއުއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެމްކިއުއޭއިން ވަނީ މިފަދަ މިންގަނޑާ ޚިލާފަށް ހިންގާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތައް މީގެ ފަހުން ޤަބޫލުނުކުރާނެކަމަށް އިންޒާރުދީފައެވެ. އަދި ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމްކިއުއޭއިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމުކަމެއްކަމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން، ދިވެހިރާއްޖޭގެ މަރުކަޒަކާއި ބޭރުގެ މަރުކަޒަކާ ދެމެދު އެއްބަސްވުމެއް އެކުލަވާލުމުގެ ކުރިން މި ކަންކަމަށް ސަމާލުވުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން