ހޮނިހިރު ދުވަހުގެރޭ ދަންވަރު 3:30 ހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި، އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާރގެ ބައެއް އޮފްވެގެންކަމަސް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ހާމަކުރެއްވިގޮތުގައި މިކަމާއި ގުޅިގެން މެދުކެނޑުނު ކަރަންޓުގެ ހިދުމަތް އަނބުރާ ދެވިފައިވަނީ ފަތިހު 4:56 ހާއިރު އެވެ. އެ ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށައަޅާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަސްވެސް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން ވިދާޅުވެފައިވަނީ މުޖުތަމަޢުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަކީ އެކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.
މި ހާދިސާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކީއިން ވަނީ ނިހާޔަތަށް މަޢާފަށް އެދިވަޑައިގެންފައެވެ.