ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 57 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ. މި ފައިސާ ޚަރަދުކޮށްފައިވަނީ އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14,492 މީހަކަށް މާލީ އެހީގެ ގޮތުގައި 52.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި މިދިޔަ މަހު އަލަށް 125 މީހަކު މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާއިރު، މިހާރު ޖުމްލަ 14,673 މީހުން ވަނީ ދަފްތަރުގައި ހިމެނިފައެވެ.
މީގެއިތުރުން، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި 25,720 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މި އެހީގެ ދަށުން އަލަށް 4 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިހާރު ޖުމްލަ 700 މީހަކަށް މި އެހީ ލިބެމުންދެއެވެ.
ރައްޔިތުންގެ ތެރެއިން ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް ރައްކާތެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެންސްޕާއިން މި ފޯރުކޮށްދޭ އެހީތެރިކަމަކީ އެފަދަ ފަރާތްތަކަށް ލިބޭ ބޮޑު ހިތްވަރެކެވެ.