ތަރައްޤީގެ ޕްލޭން އެކުލަވާލާނީ ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތަރައްޤީގެ ޕްލޭން އެކުލަވާލާނީ ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން: މާލީ ވަޒީރު

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާނީ ސިޔާސީ ޕާޓީތަކުގެ އިތުރުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެންކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިވަގުތު ކުރިއަށްދަނީ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ކޮންސަލްޓޭޝަންގެ މަސައްކަތެވެ. މި ޕްލޭންގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތަޞައްވުރު ކަނޑައެޅޭނެ ކަމަށާއި، މިއީ ސަރުކާރު ބަދަލުވުމާއެކު ބަދަލުވެގެންދާނެ އެއްޗެއް ނޫންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"ކޮންމެ ބަޔަކާ ހަވާލުވިޔަސް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންވާނެ ކަމުގެ ޔަޤީންކަން އޮންނާނެ. ރައީސާއެކު މި ކުރެވޭ ދަތުރުފުޅުގެ ތެރެއިން ވެސް ކައުންސިލްތަކާއި ކައިރިން މަސައްކަތްކުރެވިގެން މިދަނީ ޚިޔާލު ހޯދުމަށް،" ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން ނިމިގެން އަންނައިރު، ރައްޔިތުންނަށް ލިބޭ ފައިދާއާއި ކުރިއެރުން އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޕްލޭނާއެކު ތަރައްޤީގެ ލަނޑުދަނޑިތައް އަވަހަށް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ޕްލޭންގެ އެންމެ މުހިންމު މަޤުޞަދަކީ މީގެ 20 އަހަރު ފަހުން ރާއްޖެ ތަރައްޤީވެފައި އޮންނާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލައި، އެއް މިސްރާބަކަށް ސަރުކާރުތަކުން މަސައްކަތްކުރުމެވެ.

މިއަދު އޮންލައިން