"ވަރަ" އެކްސްޕޯ 2025 ނަމުގައި ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ނޮވެންބަރު މަހުގެ ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
"ވަރަ" އެކްސްޕޯ 2025 ނަމުގައި ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ނޮވެންބަރު މަހުގެ ބާއްވަނީ

މިއަހަރުގެ ނޮވެންބަރު މަހުގެ 6-8 އަށް "ވަރަ" އެކްސްޕޯ 2025 ނަމުގައި ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދުމަށްބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އަދި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއް މަންސަތަކަށް ގެނައުމެވެ.

2024 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު މި އެކްސްޕޯގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، މި އަހަރުގެ އެކްސްޕޯގައި 15،000 އަށް ވުރެ ގިނަ ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ޕްރޮފެޝަނަލުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭއްވޭ ހުނަރާއި ވަޒީފާގެ އެކްސްޕޯއެވެ.

މި އެކްސްޕޯގައި އެންމެ ފާހަގަކޮށްލެވޭ ޚާއްޞަ ސިފައަކީ ހުނަރާއި އެންމެ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި ޑިޖިޓަލް އިންޓަގްރޭޝަން ބޭނުންކުރުމެވެ. އަދި ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) ޕޯޓަލް މެދުވެރިކޮށް ވަގުތުން ވަޒީފާއަށް އެޕްލައިކުރުމާއި، ވަޒީފާއަށް އެދޭ ފޯމުތައް ޓްރެކް ކުރެވޭނެ އިންތިޒާމް ދައްކުވައިދިނުމެވެ. މީގެ އިތުރުން އަލަށް ތައްޔާރުކޮށްފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޕޯޓަލް އިންޓަގްރޭޝަން މެދުވެރިކޮށް ތަޢުލީމީ ކޯސްތަކަށް ވަގުތުން ރަޖިސްޓަރީކޮށް އެޕްލައިކުރުން ކުރިޔަށް ގެންދެވޭނެއެވެ. މިއެކްސްޕޯގައި 1،000 އަށްވުރެ ގިނަ ވަޒީފާއާއި، 500 އަށްވުރެ ގިނަ ތަޢުލީމީ ކޯސްތަކަށް ރަޖިސްޓަރީ ކުރުން ހަމަޖެހިފައިވެއެވެ.

އެކްސްޕޯގައި ޚާއްޞަ ތިން ތަޖުރިބާ ޒޯނެއް ހިމެނެއެވެ: ކެރިއަރ ޒޯންގައި ވަޒީފާދޭ ފަރާތްތަކުގެ ބޫތުތަކާއި އިންޓަވިއު ކުރުމަށް ޚާއްޞަކަކުރެވިފައިވާ ސަރަޙައްދުތައް ހުންނާނެއެވެ. އެޑިޔުކޭޝަން ޕްރޮވައިޑަރ ޒޯންގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތުގެ އިތުރުން، މި ވުޒާރައިން ފޯރުކޮށްދޭ ފަސްޓް ޑިގްރީ ޕްރޮގްރާމަށް އެޕްލައިކުރެވޭނެ ގޮތަށް ހުންނަ ސްޓޭޝަންތަކާއެކު ޢިލްމީ އަދި ފަންނީ މަރުކަޒުތައް ބައިވެރިވާނެއެވެ. އަދި ސްކިލްސް އެކްސްޕީރިއަންސް ޒޯނުގައި ކާޕެންޓްރީ، އިލެކްޓްރިކަލް އަދި އައި.ޓީ ފަދަ ދާއިރާތަކުގެ ޢަމަލީ ހުނަރުތައް ތަޖްރިބާކުރުމުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"ވަރަ" އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ޤައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދާދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އަމާޒުކުރެވިފައިވާ އިސްނެގުމެކެވެ. މި މުހިންމު ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ވަޒީފާދޭ ފަރާތްތަކާއި، އަދި ތަޢުލީމީ މުއައްސަސާތަކުން ވީ އެންމެ އަވަހަކަށް ރަޖިސްޓަރީ ކުރެއްވުމަކީ މިވުޒާރާގެ ވަރަށް ބޮޑު އެދެމެކެވެ.

އެކްސްޕޯގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހެޅޭނެއެވެ.

މިއަދު އޮންލައިން