އާރްޓީއެލްގެ ޚިދުމަތް ތ.އަތޮޅުގައި ފެށުމަށް ބޭނުންވާ ސްޕީޑް ފެރީތައް އެއަތޮޅަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އާރްޓީއެލްގެ ޚިދުމަތް ތ.އަތޮޅުގައި ފެށުމަށް ބޭނުންވާ ސްޕީޑް ފެރީތައް އެއަތޮޅަށް ފޮނުވައިފި

ތ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީން އެއަތޮޅަށް ސްޕީޑް ފެރީތައް ފޮނުވައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން މި މަހު އެ އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް 2022 ވަނަ އަހަރު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ވަނީ މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖެ ވަނީ 6 ޒޯނަކަށް ބަހާލާފައެވެ. މިހާތަނަށް 11 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ވަނީ ފަށާފައެވެ.

އިތުރު 5 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށްޓަކައި، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ)އާއެކު މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. މި ގޮތުން މ، ފ، ދ، ތ އަދި ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ދިރާސާއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ މި ދިރާސާ މި މަހާއި އަންނަ މަހު ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ދިރާސާގައި އިސްވެ ދެންނެވުނު 5 އަތޮޅުގެ ރަށްތަކުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާ ގުޅޭ މަޢުލޫމާތު އެއްކުރެވޭނެއެވެ.

މިއަދު އޮންލައިން