މުލަކަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ މިއަދު ހުޅުވައިދެއްވައިފިއެވެ. މި އިދާރާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުލަކަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރާއި، ދާއިރާގެ މެންބަރާއި، އެރަށުގެ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވޭވަށުގައި އަލަށް އިމާރާތްކުރި ކައުންސިލް އިދާރާއަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އިމާރާތްކުރެވުނު ތަނެކެވެ.
ސަރުކާރުން މި މަޝްރޫޢުގެ ދަށުން މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.
ވޭވަށު ކައުންސިލް އިދާރާގެ އައު ޢިމާރާތް ހުޅުވުމާ ގުޅިގެން އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނީ ކުރިއާ އަޅާބަލާއިރު މާ ފުރިހަމަ އަދި ހަރުދަނާ ޚިދުމަތްތަކެއް ކަމަށް އުއްމީދުކުރެވެއެވެ.