5 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
5 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ސިއްޙީ ޚިދުމަތް އިތުރަށް ތަރައްގީކުރުމުގެ ގޮތުން 5 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ސިއްޙީ ވުޒާރާއިން ވެމްކޯ އަދި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން މަސައްކަތް ހަވާލުކޮށްފައިވަނީ ތ. ގުރައިދޫ، ތ. މަޑިފުށި، ތ. ގާދިއްފުށި، އދ. ކުނބުރުދޫ އަދި ފ. ފީއަލީ ސިއްޙީ މަރުކަޒުތަކަށެވެ.

ވެމްކޯއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ތ. ގުރައިދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް 32.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، 325 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ތ. ގާދިއްފުށީ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް 12.8 މިލިއަން ރުފިޔާއަށް ވެމްކޯއާ ހަވާލުކޮށްފައިވެއެވެ. އަދި ތ. މަޑިފުށީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްވެސް 12.8 މިލިއަން ރުފިޔާއަށް ވެމްކޯއާ ހަވާލުކޮށްފައިވެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި އދ. ކުނބުރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 8.2 މިލިއަން ރުފިޔާއަށް ހިމެނެއެވެ. މި މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފ. ފީއަލީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 21.6 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

ވެމްކޯއާއެކު ވެވުނު އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲ އެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން، އިސްމާޢިލް އުބައިދު އެވެ. އެމްޓީސީސީއާއެކު ވެވުނު އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.

މިއަދު އޮންލައިން