ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ އޮޕަރޭޝަން އިމިގްރޭޝަނުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ އޮޕަރޭޝަން އިމިގްރޭޝަނުން ފަށައިފި

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، އެފަރާތްތަކުން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް އަމާޒުކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ވަޢުދުފުޅަކާ އެއްގޮތަށް ފެށި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގެ ދަށުން މިއަދު ކުރިއަށްގެންދިޔަ މަސައްކަތުގައި، މާލޭގެ 9 ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ. އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެކި ގުރޫޕުތަކަށް ބަހާލައިގެންނެވެ. އޮޕަރޭޝަން ފެށުމުގެ ކުރިން ބޭއްވި ބްރީފިންގގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް އާއި ދެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހި އަމާޒުކޮށްފައިވަނީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ބިދޭސީންނަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އާބާދީ ބޮޑެތި ސިޓީތަކަށް އިސްކަންދީގެން، އަތޮޅުތަކުގައިވެސް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، އެފަރާތްތައް އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމާއެކު، ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމުގެ ހައްޤު ފުރުސަތު ހޯދައިދިނުމެވެ. ފާހަގަކޮށްލެވޭ ކަމަކީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށްވުމެވެ.

މިއަދު އޮންލައިން