ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޤައުމީ އޮޕަރޭޝަނުގެ ތެރެއިން ޤާނޫނާ ޚިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިކޮށް ފޯރުކޮށްދޭ ދިވެހިން ހޯދައި، ފިޔަވަޅު އަޅުއްވާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާއަށް މައުލޫމާތުދެެއްވަމުން ފަސީހު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވަރަށް ގިނަ ވިޔަފާރިތަކެއް ގަވާއިދާ ޚިލާފަށް ހިންގާކަން ފާހަގަކުރެވިފައިވެއެވެ. އަދި މި ވިޔަފާރިތަކުގެ ތެރޭގައި ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ލައްވާ ޤާނޫނާ ޚިލާފަށް ވިޔަފާރިތައް ހިންގާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ޤައުމީ އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީންނާއި އެފަދަ ބިދޭސީންނަށް ކަންކަން ފަހިކޮށްދޭ ދިވެހިންވެސް ހޯދައި، އެފަރާތްތަކުގެ މައްސަލަތައް ތަޙުޤީޤުކޮށް ފިޔަވަޅު އަޅުއްވާނެކަމަށް ފަސީހު ވިދާޅުވިއެވެ.
"ބިޒްނަސްތަކަށް ވަދެ، ބިދޭސީންނާ ގުޅުންހުރި ނަން ދެވިފައި އެބަހުރި މަގުތަކަށް. މިއީ ފަސޭހަ އޮޕަރޭޝަނެއް ނޫން. ނުފޫޒުގަދަ މީހުންނާއި ވިޔަފާރިވެރިން އެބަތިބި މިކަމުގެ އަޑީގައި. ސީރިއަސްކޮށް މަސައްކަތްތަކެއްކޮށްގެން ކާމިޔާބުވާނީ،" ފަސީހު ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި އިތުރުވަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.