މ. މުލަކުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މުލަކު ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރއެވެ.
މި މަޝްރޫޢަކީ ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި މަރުކަޒު އިމާރާތްކުރުމުން މުލަކު އަދި އަވަށްޓެރި ރަށްރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މުލަކުގެ އެކި ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.