މާލެ ސަރަހައްދުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަނެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މާލެ ސަރަހައްދުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަނެއް ފަށައިފި

މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގުޅިގެން މާލެ އާއި ވިލިމާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަންގެ ދަށުން އިންސްޕެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ތަންތަނުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އެމް.އެފް.ޑީ.އޭ އިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި، އެމް.އެފް.ޑީ.އޭ ގެ ހުއްދަ ނުނަގާ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނެވެ.

އޮޕަރޭޝަންގެ ތެރެއިން އެމް.އެފް.ޑީ.އޭ ގެ ހުއްދަ ނުނަގާ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ސާފުތާހިރުކަން ކުޑަގޮތަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ނޯޓިސްދީ ބަންދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 21 އިން 25 އަށް ކަމަށްވީ ނަމަވެސް، ބަލަންޖެހޭ ވަރަށް ގިނަ ތަންތަން ހުރުމާ ގުޅިގެން މުއްދަތު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިދާރާތަކުން ފާހަގަކޮށްފައިވެއެވެ.

އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ 6 ނެއިބަރހުޑަކަށް ބަހާލައިގެން، ކޮންމެ ނެއިބަރހުޑަކަށް އެމް.އެފް.ޑީ.އޭ އާއި މާލެ ސިޓީ ކައުންސިލްގެ ޖޮއިންޓް ޓީމެއް ފޮނުވައިގެންނެވެ. މާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކޮށް ނިމުމުން ވިލިމާލޭގައި ހުރި ތަންތަން އިންސްޕެކްޓް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން