މ. މުލަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު މިއަދު މުލަކުގައި ބޭއްވުނެވެ. ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
1942 މީހުންގެ އާބާދީއެއް އޮންނަ މުލަކަކީ މައިގަނޑު ގޮތެއްގައި މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. ނަމަވެސް މިހާރު ހުރި ބަނދަރުގެ ޖާގަ ކުޑަވެ، އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން މަސްވެރިންނާއި ވިޔަފާރިވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 70,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 284 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 253 މީޓަރުގެ ސޭންޑްފިލް ބޭރުތޮށި ހިމެނެއެވެ. މީގެ އިތުރުން 25 މީޓަރުގެ ނެރު ބޭރު ތޮށްޓަކާއި، 3,062 އަކަ މީޓަރުގެ ޕޭވްމަންޓް އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
62.63 މިލިއަން ރުފިޔާގެ މި މަޝްރޫޢު 485 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ ރައްޔިތުންނަށް ލަފާފުރުމުގައާއި މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. މި މަޝްރޫޢަކީވެސް ރަށުގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމުގައި ބެލެވެއެވެ.