އަމިއްލައަށް ބޭނުންވެގެން ކެންސަރުޖެހިފައިވާ 7 އަހަރު ދޮށީ އަންހެނަކާއި ކައިވެނިކޮށް އޭނާގެ ބޭސްފަރުވާއަށް ޚަރަދުކުރުމުން ކާމިޔާބު، އުފާވެރި ދިރިއުޅުމެއް ލިބުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
އަމިއްލައަށް ބޭނުންވެގެން ކެންސަރުޖެހިފައިވާ 7 އަހަރު ދޮށީ އަންހެނަކާއި ކައިވެނިކޮށް އޭނާގެ ބޭސްފަރުވާއަށް ޚަރަދުކުރުމުން ކާމިޔާބު، އުފާވެރި ދިރިއުޅުމެއް ލިބުނު މީހެއްގެ ވާހަކަ-

އެއީ އޭނާއާއިއެކު ކިޔެވި އަންހެން ކުއްޖެއްގެ ދައްތައެވެ.  އޭނާއަށްވުރެ 7 އަހަރު ދޮށްޓެވެ. އޭނާ ކިޔަވަން އުޅުނީ ވަރަށް ދަތިޙާލުގައެވެ. މައިންބަފައިން ފަޤީރުކަމުންނެވެ. އެދުވަސްވަރު އެގެއަށްދާއިރަށް ދައްތަ ކާންދީ ހަދައެވެ. އަޚެއް ފަދައިން ކަންކަން ކުރެއެވެ.  

މަތީ ޘާނަވީ ނިމުނިުއިރު ހޯދި ނަތީޖާ ރަނގަޅުކަމުން ރައީސް ދެއްވާ ސްކޯލާޝިޕް ލިބުމުން ކިޔަންގޮސް ހަމައެކަނި ކިޔެވީއެއް ނޫނެވެ. ކިޔަވަމުން ލާރި ހޯދަން މަސައްކަތްވެސްކުރިއެވެ. 3 އަހަރުކޮށްފައި އެނބުރި އައިސް އެކުވެރިޔާ އާއި ބައްދަލުކުރަން ދިއުމުން ފެނުނީ ހިތްފަޅައިގެންދާ ފަދަ މަންޒަރެކެވެ. ކުރިން އޭނާއަށް ނުހަނު ލޯބިން ކާންދީ އެހީތެރިވެދިން ދައްތަ ކެންސަރާ ހަނގުރާމަކުރަނީއެވެ. ފަރުވާއަށް ބޭރަށް ދެވޭނެވަރަށް އަތުގައި ފައިސާ ނެތުމުން ޢާއިލާގެ އެންމެން ތިބީ ވަރަށް ބޮޑުވުމެއްގައެވެ.  

"އަހުރެންގެ އަތުގައި ފައިށާ އެބަހުއްޓެވެ. ފުރަން އަވަހަށް ތައްޔާރުވާށެވެ. ގޮވައިގެންދާނީވެސް އަހުރެންނެވެ. އެކުގައި އަހުރެންގެ އެކުވެރިޔާވެސް ގެންދަން ބޭނުމެވެ. އެކަމަކު ޢާއިލާއިން ރުހޭނަމަ އަދި "ދައްތަ" ޤަބޫލުނަމަ ފުރުމުގެ ކުރިން މާދަމާރޭވެސް މިހުރީ ދައްތައާއި ކައިވެނިކުރާށެވެ. މިޓެސްޓްތަކުން މިފެންނަ ނަތީޖާއަށްބަލާއިރު ހަމައެކަނި ބޭހަކުން ނުފުދޭނެއެވެ. ޝިފާ ލިބުމުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ. އަހުރެން ބޭނުމީ ކިތަންމެ ބޮޑު ޤުރްބާނީއެއް ވެގެން ނަމަވެސް "ދައްތަ"އަށް ޝިފާލިބުމަށެވެ. މިއީ އެހެން އެއްވެސް ނިޔަތަކު ހުށަހެޅި ހުސަހެޅުމެއް ނޫނެވެ."  

އެންމެންނަށްވެސް ލިބުނީ ސިހުމެކެވެ. ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ތިއަ ދެއްކޭ ވާހަަކ ވިސްނޭ ހެއްޔެވެ؟ ތިއަ ދެއްކެނީ ހާދަބޮޑު ޒިންމާއެއްގެ ވާހަކައެވެ." އޭނާ ބުންޏެވެ. "ބައްޕާއެވެ! ކަންބޮޑުނުވާށެވެ! ބުނި ވާހަކަތައް ބުނީ ހުރިހާ ކަމެއް އެނގިހުރެ ޤަޞްދުގައެވެ. ޢުމުރުގެ ތަފާތާއި އޮތް ބަލިޙާލުވެސް އެނގިހުރެއެވެ. ކުރަންޖެހޭނެ ޚަރަދުވެސް އެނގިހުރެއެވެ. ބޭނުންވަނީ ޢާއިލާގެ އެއްބާރުލުން އެކަންޏެވެ. އަދިވެސް ބުނަން ހެއްޔެވެ؟ ކައިވެނިކޮށް ނުދިނަސް ބޭސްފަރުވާކޮސްދޭން މިހުރީ ތައްޔާރަށެވެ. މިކުރިކަމަކީ ކަން އޮތް ގޮތް ބުނެލުމެވެ. މެޑިސިން ނުކިޔެވިޔަސް 3 އަހަރުވަންދެން އެކުގައި މިއުޅެވުނީ މެޑިކަލް ސްޓޫޑަންޓުންނާއިއެކުގައި ކަމަށްވީތީ އެކަންކަން އެނގުނީއެވެ."  

އެއަށްފަހު 3 ވަނަ ރޭ ކައިވެނިކުރެވުނެވެ. 4 ވަނަ ދުވަހު ފަރުވާއަށް އިންޑިއާއަށް ފުރީއެވެ. އެކުވެރިޔާވެސް ގޮވައިގެންނެވެ.  

ކުރުކޮށްލަމާ ހިނގާށެވެ! އެނބުރި އައުދެވުނީ 6 މަސްފަހުންނެވެ. ބަލިން ޝިފާ ލިބިގެންނެވެ. އިތުރަށް ކުރަން އޮތްކަމަކީ 3 އަހަރުވަންދެން ކޮންމެ 6 މަހަކުން ޓެސްޓްތައް ހެދުމެވެ.  

އެކައިވެންޏަށް މިހާރު 20 އަހަރެވެ. 4 ދަރިންވެސް އެބަތިއްބެވެ. ފެންނަ ފެނުމުގައި މިހާރުވެސް ކޮއްކޮއަށްވުރެ ދައްތަ މާޒުވާންވެފައި ރީއްޗެވެ. ކޮންފަދަ ބޮޑު ރަހްމަތެއް ހެއްޔެވެ؟ ހަމައެއާއިއެކު ބުނެލަން ބޭނުންވަނީ އެދމަފިރިން ދިރިއުޅެމުން އަންނަނީ ތަނަވަސްކަމާއިއެކު ވަރަށް އުފަލުގައި ކަމެވެ. ވަރަށް ލޯބިންކަމެވެ.  

މިއަދުނޫހުގައި ޝާއިޢުކުރަމުން ގެންދާ "ޢިބްަރތްތެރި ވާހަކަ" ސިލްސިލާއިން ގިނައިން ކިޔަން ލިބެނީ ފިރިންގެ ނުބައިކަމުގެ ވާހަކަތަކެވެ. އެއީ ނުބައި ފިރިން ގިނަވުމުން ކަމަށްވެސް ވެދާނެއެވެ. އެކަމަށް ބަޙުސްކުރާކަށް ނެތީމެވެ.  

މިވާހަަކ ކިޔުންތެރިންނަށް މިގެނެސްދިނީ ޙާދިސާގައި ހިމެނޭ ކޮއްކޮއެވެ. އަޅުގަނޑުގެ ޙަޔާތުގެ ކަންކަން ދިމާވިގޮތް ބުނެލާނަމެވެ. ދިރިއުޅެމުން މިއަންނަނީ 3 ވަނަ ފިރިމީހާއާއިއެކުގައެވެ. ޢޭނާއަކީ ވަރަށް ރަނގަޅު ފިރިއެކެވެ. ކުރިން ކައިވެނިކުރެވުނު ދެމީހުންނަކީވެސް އާވާރާ ދިރިއުޅުމެއް އުޅެން ބޭނުންވި ދެމީހުންނެވެ. އެމީހުންގެ ވާހަކަ ދައްކައި ރަނގަޅު ފިރިހެނުންގެ ރަނގަޅުކަން ކިލަނބުކުރާކަށް ނެތީމެވެ.

 

- ނަޒްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން