މިވާހަކަ ފަށާނީ ކޮން ހިސާބަކުންކަމާއިމެދު އަދިވެސް އެބަ ވިސްނަމެވެ. އެހެންކަމާއިއެކުވެސް ކޮންމެވެސް ހިސާބަކުން ފަށާނަމެވެ. އެދެމަފިރިން ކައިވެނިކުރީ ލޯބިވެގެން ވަރަށް ކުޑަދުވަސްކޮޅަކު އުޅެފައެވެ. އެކަމަކު ޢުމުރަށް އެކުގައި އުޅޭނެ ކަމުގެ ވަޢުދާއިއ ެކުގައި ސުވަރުގެދާން މަސައްކަތްކުރާނެ ކަމުގެ ވަޢުދާއިއެކުގައެވެ.
ދިރިއުޅުން ކުރިއަރަމުން އައިސް ފޭރާން ވިއްކާ ފިހާރައެއް ހުޅުވިއެވެ. ފިހާރަ ހިންގަނީ ދެމަފިރިން އެކުގައެވެ. މިބުނީ ދެމަފިރިން އިސްވެ ތިބެގެން މަސައްކަތްކުރާ ވާހަކައެވެ. ވިޔަފާރި ދިއައީ ކުރިއަރަމުންނެވެ.
ދުވަސްކޮޅެއްވީތަނާ ފިރިމީހާގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން އަވަސްއަވަހަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހުމުން ފައިސާއަށް ދަތިވެ ފިހާރައިގެ ކުއްޔާއި ލޯނުވެސް ނުދެއްކޭ ޙާލަތަށް ކަންކަން ދިއައެވެ. ބޭންކުން އައީ މޯގޭޖް ވިއްކާލަންޖެހިދާނެ ކަމުގެ އިންޒާރު ދެމުންނެވެ.
އެއިރު ތަނަވަސް މީހަކު ދިއައީ އަނބިމީހާއަށް ކަޅިއަޅަމުންނެވެ. އޭނާއަކީ އާދައާ ޚިލާފަށް ރީތި އަންހެނަކަށްވުމުން ކޮންމެ ގޮތަކުން ނަމަވެސް އޭނާ ހޯދަން މަސައްކަތްކުރަމުންނެވެ. ކެތްނުކުރެވިގެން އެންމެފަހުން އަމިއްލައަށް ކުރިމައްޗަށް އަރައި އެކަން ހުށަހެޅުމުން އޭނާ ވަޤުތުން ކުރީ އިންކާރެވެ. އޭނާ ބުނީ ދެމީހުން ކައިވެނިކުރީ ވަރަށް ލޯބިން އެކުގައި ޢުމުރަށް އެކުގައި އުޅެންކަމަށާއި އެ ވަޢުދު ދަމަހައްޓާނެ ކަމަށެވެ. ފިރިމީހާއަށް މިއަދު ދަތިޙާލަތެއް ކުރިމަތިވުމަކީ އޭނާ ފިރިމީހާ އާއި ވަކިވާނެ ސަބަބެއް ނޫން ކަމަށެވެ. އަދި ޚިޔާނާތްތެރިވާނެވެސް ސަބަބެއް ނޫން ކަމަށެވެ.
ތަނަވަސްމީހާ ބުނީ އޭނާ ކުރަން ކުރިމަތިލި ކަމެއް ޙާޞިލުނުކުރެވި މިހައިތަނަށް ނެތްކަމަށާއި މިކަންވެސް ޙާޞިލުކުރާނެ ކަމަށެވެ. ނޫންނަމަ އޭނާއަށް ޒަރީރު ނުކިޔާނެ ކަމަށެވެ. އެވާހަކަތަކަކަށް އަންހެން މީހާ ޖަވާބެއް ނުދެއެވެ.
ތަނަވަސް މީހާގެ ނުފޫޒުގައި ބޭންކުން ކުރަމުން ދިއަ ޕްރެޝަރަށް ކެތްނުކުރެވިގެން ފިހާރަ ބަންދުކުރަން ދެމަފިރިން ނިންމިއެވެ. ހުރި މުދައުކޮޅު ވިއްކާލައި ލިބުނު އެއްޗެއް ބޭންކަށް ދައްކަންވެސް ނިންމިއެވެ. މައްސަލައަކަށްވެފައި އޮތީ ހުރިހާ މުދައު ވިއްކައިލިޔަސް ލޯނު އަދާނުކުރެވޭނެ ކަމެވެ. އެހެންކަމުން މޯގޭޖްކޮށްފައި ހުރި ގެ ވިއްކާލަންޖެހިދާނެ ކަމުގެ ބިރު އޮތެވެ.
ކޮންމެއަކަސް އެއީ ނުއަގުގައި ތަކެތި ވިއްކަންފެށި ދުވަހެވެ. ތަނަވަސް މީހާ އައިސް ފިރިމީހާއަށް އަޑުއިއްވައި ބުނީ ފިރިމީހާ ބަނގުރޫޓުކޮށްލާނެ ކަމަށާއި އަނބިމީހާ އާއި ކައިވެނިކުރާނެ ކަމަށެވެ. އެހެން ބުނުމާއިއެކު އަނބިމީހާ ޖަވާބުދިނެވެ. "މިހިރަ ލަދުޙަޔާތް ކުޑަ މީހާއެވެ! ހަމަ މިހާރު މިތަނުން ނުކުންނާށެވެ! ފަޤީރުވާނީވެސް މަގުމަތިވާނީވެސް ދެމަފިރިން އެކުގައެވެ." އެހެން ބުނެފައި ދެއަތް މައްޗަށް އުފުލައި ދުޢާކުރިއެވެ! "ޔާ ﷲ! އަޅަމެން ދެމަފިރިންނަށް ރަހްމަތް ލައްވަވާނދޭވެ! ކުރިމަތިވެފައި މިވާ މުޞީބާތުން ސަލާމަތް ކުރައްވަވާނދޭވެ!"
އެއިރުވެސް ފިހާރަތެރޭގައި ތަނަވސްމީހާ އެނބުރިއެނބުރި ހުއްޓެވެ. އެނބުރެމުން ބުނެއެވެ. ޚަލޭގެ ފިރިމީހާއަށް ކަލެއަށް ކޮސްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެންނާއި ގުޅޭށެވެ! ފައިސާއިން ހިތް ފުރާލައިދޭނަމެވެ. ބައިންދާނީ އެންމެ އަގު ބޮޑު ފްލެޓުގައެވެ. ދުއްވާނެ ކާރުދޭނަމެވެ. ޚިދުމަތްކުރާނެ ނޯކަރުން ދޭނަމެވެ." އެއަޑު އިވޭކަމަށް ދެމަފިރިންކުރެ އެކަކުވެސް ނުހަދައެވެ.
ކުޑަ އިރުކޮޅެއްވެސް ނުވަނީސް ބޭންކުން ލިބުނު ސިޓީ ކިޔައިލުމުން ލިބުނީ ބޮޑު ޙައިރާން ކަމެކެވެ. ސިޓީގައި އޮތީ އެމީހުންގެ ދަރަންޏާއި 2 ވަނަ ފަރާތަކުން ޙަވާލުވެއްޖެކަމަށާއި އެފަރާތަކީ އެމީހުންނަށް ބެންކޮކުން މުދައު ފޮނުވައިދޭ އެޖެންޓް ކަމަށެވެ. އެހެންކަމުން ކުރިން ފޮނުވި ސިޓީތައް މިހިސާބުން ބާޠިލްކުރީ ކަމަށެވެ.
ދެމަފިރިން އެކުގައި ޝުކުރުގެ ސަޖިދަކުރިއެވެ. އަވަސް އަވަހަށް ފިހާރައިގައި ހިއްޕާފައި ހުރި ސޭލް ބޯޑުތައް ނައްޓައިލިއެވެ. ތަކެތީގައި ހަމައަގު އަލުން ޖަހަންފެށިއެވެ. އެޖެންޓަށް ގުޅައި ޝުކުރު އަދާކުރިއެވެ.
އެޖެންޓުގެ އެހީތެރިކަމާއިއެކު އަލުން މުދައު ލިބި ވިޔަފާރިކުރިއަރައިގެންދިއައެވެ. އެޖެންޓް ދިން ގަރަންޓީ އޮތްގޮތަށް ބާއްވައި ދެމަފިރިންގެ މަސައްކަތުން ކަންކަން ހަމަމަގަށް އެޅުވިއެވެ.
މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި ދެމަފިރިއަކަށް ކަންކަން މެދުވެރިވި ގޮތެވެ. ބުނެލަން ބޭނުންވަނީ ދެމަފިރިން ތެދުވެރިކަމާއިއެކު އެކަކު އަނެކަކަށްޓަކައި ޤުރްބާންވާން ތައްޔާރަށް ތިބިނަމަ އެދެމަފިރިއެއްގެ ދިރިއުޅުން ބަނގުރޫޓުކޮށްލައި ނިކަމެތި ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ބޭނުންވަނީ އެއަނބިމީހާގެ ކިބައިން އެފެނުނުފަދަ ޘާބިތުކަމެވެ.
ވިސްނައިލާށެވެ! ދެމަފިރިންގެ ތެދުވެރިކަން ބޮޑުވީމާ އެމީހުންނާއިއެކު މާތް ﷲ ވޮޑިގެންވީއެވެ. އެބައަކާއިއެކު މާތް ﷲ ވޮޑިގެންވާނަމަ ދެރައެއް ދެވޭނީ ކާކަށް ހެއްޔެވެ؟ ގިނަ ބައަކަށް މިއަދު ޤަބޫލުނުކުރެވިގެން މިއުޅެނީ އެކަމެވެ. ފައިސާކޮޅެއް ދިއްކޮށްލާއިރަށް ފަހަތުން ދުވެވެނީ އެހެންވެގެންނެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް