ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ދިއްގަރަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް ދިއްގަރަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅަކީ ރައީސް ވަޑައިގެންނެވި 3 ވަނަ އަތޮޅެވެ. އަދި ދިއްގަރަކީ މި ދަތުރުފުޅުގައި ވަޑައިގެންނެވި 13 ވަނަ ރަށް ކަމާއި، މިއަދު ވަޑައިގެންނެވި ފުރަތަމަ ރަށްކަން ފާހަގަކުރެވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދިއްގަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެދުންތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެމީހުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.