ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން މުސްތަޤްބަލުގައި ޤައުމަށް ފައިދާކުރާނެކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މ. ދިއްގަރުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރު ނާޒިމް މިހެން ވިދާޅުވިއެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި ހަރުދަނާ ސިޔާސަތުތަކާއެކު ހުއްޓިފައި ހުރި އެތައް މަޝްރޫއެއް ފަށައި، އައު މަޝްރޫޢުތައް ފެށުމަށް ސަރުކާރުން މަގުފަހިކުރަމުންދެއެވެ. އަދި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތް މާލީ ދަތި ހާލަތުން އަރައިގަނެ މަޝްރޫޢުތައް ފެށިގެން ދިއުމުން ސާބިތުވަނީ މިއީ ނަތީޖާ ހާސިލުކޮށްދޭނެ ސަރުކާރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިޖުތިމާޢީ ދާއިރާއަށް ބަލާއިރު، ކުރިން ހައްލުނުވެ އޮތް އެތައް މައްސަލައެއް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ނާޒިމް ފާހަގަކުރެއްވިއެވެ. "ގޯހަކުން ކަމެއް އޮތިއްޔާ އެކަންކަން ހައްލުކުރުމަށް އިޚުލާސްތެރި މަސައްކަތްތަކެއް ކުރަމުންދާ ތަން މި ފެންނަނީ. ޑްރަގްގެ އެންމެ ބޮޑުންނަށް ޙައްޤު އަދަބު ލިބެމުންދާތަން އެބަ ފެނޭ. އިޖުތިމާޢީ ގޮތުން ހުރި މައްސަލަތަކަށް ހައްލު ލިބެމުންދާތަން މި ފެންނަނީ" ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން އިޖުތިމާޢީ އެކި ކަންކަމާ ގުޅޭގޮތުން ނިންމަވަމުން ގެންދަވަނީ އުނދަގޫ ނިންމެވުންތަކެއްކަމަށް ފާހަގަކުރައްވަމުން، މިފަދަ ނިންމުންތަކަށް ފާޑުކިޔުންތައް އަމާޒުވާކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ. ނަމަވެސް މިއިން ކޮންމެ ނިންމުމަކީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށާއި ޤައުމުގެ މުސްތަޤްބަލަށް ފައިދާކުރާނެ ނިންމުންތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޑޮލަރާއި މަސްތުވާތަކެއްޗާ ގުޅޭގޮތުންނާއި މިފަހުން މީޑިއާ ބެހޭގޮތުން ނިންމި ނިންމުންތައް ފާހަގަކޮށްލަންޖެހޭ. އެއީ މުޖުތަމަޢެއް މުޖުތަމަޢެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ނިންމަންޖެހުނު ނިންމުންތަކެއް. ކުރިއަށް އޮތްތަނުގައި އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއްގެ ގޮތުގައި ފެނިގެންދާނެ" ކަމަށް ނާޒިމް ވިދާޅުވިއެވެ.