މ. ދިއްގަރު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮނަރަބަލް ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިއްގަރު ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
1,480 މީހުންގެ އާބާދީއެއް އޮންނަ ދިއްގަރުގެ ރައްޔިތުންނަށް މި މަޝްރޫޢު ފުރިހަމަވުމުން، ރަށުން ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ އާބާދީއަށް ފާހަގަކުރެވޭ ހެޔޮ ފައިދާތަކެއް ކުރާނެއެވެ. މީގެ ސަބަބުން ރައްޔިތުން ޞިއްޙީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަންޖެހޭ މިންވަރު މަދުވެ، އެކަމާ ގުޅިގެން ކުރަންޖެހޭ މާލީ ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން، 37 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރެވޭނެއެވެ. މި މަޝްރޫޢަކީ 105.13 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ފަހުން، ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. މިކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.