މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް އިފްތިތާހުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް އިފްތިތާހުކޮށްފި

މ. މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް އިފްތިތާހުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ މިހާރު މުލަކު އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަޑުއްވަރީއަށް ކުރެއްވި ޒިޔާރަތުގައެވެ.

މި މުހިންމު މަޝްރޫޢުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއިބެހޭ ވަޒީރު މޫސާ ޒަމީރެވެ. އިފްތިތާހީ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖްތަބާ ޖަލީލް އަދި މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސާދިޤު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ މަޑުއްވަރީގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފުރިހަމަވުމުން، ރަށުގެ ކުނި ނައްތާލުމުގެ މަސައްކަތް ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ސާފު ވެއްޓެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖްކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމުގައިވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން