ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުލަކައަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ނާލާފުށްޓަށް ވަޑައިގެންނެވިއެވެ. ރައީސް ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ނާލާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު، ނާލާފުށީ ސްކޫލްގެ އިސްވެރިންނާއި ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ނާލާފުށީގެ އުމްރާނީ ތަރައްޤީއާ ގުޅުންހުރި ތަފާތު މަޝްރޫޢުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ފުލުހުންގެ މަރުކަޒާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ އަދި ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުތަކަކީ ނާލާފުށީގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތައް ފެށުމާއެކު ރަށުގެ އިޖްތިމާޢީ އަދި އިދާރީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.