މުލަކަތޮޅު ނާލާފުށީގެ އައު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވިއެވެ. މި ރަސްމިއްޔާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވުނު ރަސްމިއްޔާތެކެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެވެ. އަދި މި ރަސްމިއްޔާތުގައި ދާއިރާގެ މެންބަރާއި، އެރަށުގެ ކައުންސިލްގެ ރައީސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައު ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ) އާއެވެ. މި އިމާރާތް ނިމުމުން ނާލާފުށީގެ ރައްޔިތުންނަށް ދެވޭ އިދާރީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މ. އަތޮޅުގެ އެކި ރަށްރަށުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި، ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވައެވެ. މީގެ ތެރޭގައި ނާލާފުށީގެ އައު ކައުންސިލް އިދާރާގެ މަޝްރޫޢުވެސް ހިމެނެއެވެ.