ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓެއް ތައާރަފްކޮށްފިއެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބޭންކުން ބުނެފައިވެއެވެ.

މި ޚިދުމަތް ތަޢާރަފްކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، ބޭންކުގެ އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޗައިނީސް ޔުއާންގެ ކަރަންޓް އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

މި އައު ޚިދުމަތުގެ ދަށުން، ޔުއާންއިން އިންޓަނޭޝަނަލް ޓްރާންސްފަރ ފޮނުވުމާއި ލިބުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާންއިން ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ހެދުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

"ބީއެމްއެލުން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މަރޗަންޓުންނަށް ފައިސާ ދެއްކޭނެގޮތަށް މިހާރު ވަނީ ހަމަޖައްސާފަ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހިންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް،" މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައްވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ. މި ޚިދުމަތް ތަޢާރަފްކުރުމާއެކު، ރާއްޖެއާއި ޗައިނާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން