ޤަވާއިދާ ޚިލާފަށް އުޅޭ 24 ބިދޭސީއަކު ޤައުމީ އޮޕަރޭޝަނުގެދަށުން އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޤަވާއިދާ ޚިލާފަށް އުޅޭ 24 ބިދޭސީއަކު ޤައުމީ އޮޕަރޭޝަނުގެދަށުން އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިއްޔެ ފެށި ޤައުމީ އޮޕަރޭޝަނުގެ ދަށުން 24 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ކުރިއަށްގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން ޞައްޙަ ވިސާނެތި އުޅޭ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ވަނީ ހޯދައި، ބެލުމުގެ ދަށަށް ގެނެވިފައެވެ.

މި އޮޕަރޭޝަން ފެށުމުގެ ކުރިން، މިދިޔަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން އިޢުލާންކުރައްވާފައެވެ.

މި އޮޕަރޭޝަނުގެ ދަށުން ހަމައެކަނި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނެއް ނޫނެވެ. ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަން ބިދޭސީންނަށް އެހީވާ ދިވެހިންވެސް ހޯދައި ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި އިތުރުވަމުންދާ ބިދޭސީންގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ. މި އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން