ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މުލަކަތޮޅު މުލީގެ ބިމަށް ފައިވެޑުވުމާއެކު، އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް މުޢިއްޒު މުލީގެ ބަނދަރު ސަރަހައްދަށް ޒިޔާރަތްކުރެއްވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެތަނަށް އެއްވެ، އުފާވެރި މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ރައްޔިތުންގެ އަޑު އަޑުއެއްސެވުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.