މ. މުލީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވި އިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ރަސްމީކޮށް ފަށައިފައެވެ.
މި ރަސްމިއްޔާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މުއްޔަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ޝަރަފު ލިބިވަޑައިގަތީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި ދާއިރާގެ މެންބަރާއި ކައުންސިލް ރައީސަށެވެ. މި މަޝްރޫޢަކީ ރަށުގެ ސަލާމަތީ ޚިދުމަތްތައް ހަރުދަނާކޮށް، ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަރުކަޒު އިމާރާތްކުރުމުން މުލީގެ ރައްޔިތުންނަށް ލިބޭ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރަށުގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.