މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

މ. މުލީ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

މުލީގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުލީ ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެންބަރުން، އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 35.71 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 250 ދުވަހުގެ މުއްދަތެކެވެ.

1500 މީހުންގެ އާބާދީއެއް އޮންނަ މުލީގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ކުރަނީ މަސްވެރިކަމެވެ. މި މަޝްރޫޢުގެ ދަށުން 41,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކުމާއި، 363 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 310 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބި، ރަށަށް ޒަމާނީ ރީތި ގޮނޑުދޮށެއް ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނަށްވެސް މަންފާކުރާނެކަމަށް ބެލެވެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން