މ. ނާލާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
172.79 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި މަޝްރޫޢުގެ ދަށުން 15.48 ހެކްޓަރުގެ ބިން ހިއްކުމާއި، 993 މީޓަރުގެ ބަޔޮސްވޭލެއް ހެދުމާއި، 709 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓެއް ޖެހުމާއި، 440 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތައް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
546 މީހުންގެ އާބާދީއެއް އޮންނަ ނާލާފުށީގައި މި މަޝްރޫޢު ނިމުމުން، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ލިބި، ގޯތި ދޫކުރުމަށާއި ސިނާޢީ މަސައްކަތްތަކަށް އިތުރު ޖާގަ ތަނަވަސްވެގެންދާނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމުން ރަށް ގިރުމުގެ މައްސަލައަށްވެސް ޙައްލު ލިބިގެންދާނެކަމަށް ބެލެވެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. މި މަޝްރޫޢުގެ ސަބަބުން ނާލާފުށީގެ ރައްޔިތުންނަށް އުމްރާނީ އަދި އިޤްތިޞާދީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބެލެވެއެވެ.